ފިތުރު އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްދަލުކުރައްވައި، އީދުގެ ސަލާން ކުރައްވައިފިއެވެ.

އީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:30 އިން 10:30 އަށް މުލީއާގޭގައެވެ.

މުލީއާގޭގައި ބޭއްވެވި އީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ އިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މިބޭފުޅުންގެ އިތުރުން، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި އާއިލާތައް އީދުގެ ސަލާން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ.