ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުން ގޮސް ހުރަސް އެޅި މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިއްޒަށް ލިބުމާއެކު ފިޔަވަޅު އެޅުމަށް އަންގައިފިއެވެ

މިކަން ހާމަކުރައްވާއި މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ވަނީ ނޫސް ބަޔާނެއް ނެރުއްވާފައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ ޕީއެންއެފްއިން ކުރިން ރޭގައި ބާއްވަން އުޅުނު އެ ޕާޓީގެ ޖަލްސާ ހުއްޓުވަން ފުލުހުން އެސަރަހައްދަށް ދިޔައީ، ހުއްދައަކާ ނުލައި ޖަލްސާ ބާއްވަން އުޅެނިކޮށް، ޣިޔާސުއްދީނު ސުކޫލުގެ ފަރާތުން، އެޑިއުކޭޝަން މެދުވެރިކޮށް، ފުލުހުންނަށް އެންގުމުން ކަމަށެވެ. އަދި އެ ސަރަހައްދަށް ގޮސް ފުލުހުން ހަރަކާތްރިވަމުން ދަނިކޮށް، ހަމަނުޖެހުން ހިނގަން ފެށުމުން ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައި ކަމަށެވެ.

މީގެއިތުރުން އެބަޔާނުގައިވަނީ މިމަހުގެ 10ވަނަ ދުވަހު 18:00، ހަވީރު 06:00 ގައި އެ ރިވިއުގެ ރިޕޯޓު ވަނީ ރައީސް ޑރ މުއިއްޒުގެ އަރިހަށް ހުށަހަޅާފައި ކަމަށާއި އަދި އެ ރިޕޯޓާ ގުޅިގެން ރައީސް ވަނީ ވަކި ފިޔަވަޅުތަކެއް ވަގުތުން އެޅުއްވުމަށް އެ މިނިސްޓްރީ މެދުވެރިކޮށް ކަމިޝަނަރ އޮފް ޕޮލިސް އަށް އަންގަވާފައި ކަމަށެވެ.

އެގޮތުން ހޯމް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވާ ކަންތައްތަކުގެ ތެރޭގައި:

  • ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖް ވާން ޖެހޭނެ އޮޕަރޭޝަނަލް ހާލަތްތައް އަލުން ކަނޑަައަޅާ، އެހާލަތްތަކުގައިވެސް ޑިޕްލޮއި ކުރުމުގެ ކުރިން ކަމިޝަނަރ އޮފް ޕޮލިސްގެ ސީދާ ހުއްދައިގެ ދަށުން އެކަންކަން ކުރުން.
  • ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗަރކޮށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.
  • ޣިޔާސުއްދީން ސްކޫލުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް އެއްވެސް ފަރާތަކުން އިހުމާލުވެފައިވާނަމަ، އެފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުން.
  • އޮޕަރޭޝަނަލް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އަމަލު ކުރަމުންދާ އުސޫލު މުރާޖައާކޮށް މިހާރަށްވުރެ ދެފުށް ފެންނަ އަދި ތަފްސީލީ ގޮތަކަށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން.
  • އަދި ޣިޔާސުއްދީން ސްކޫލްގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ހަމައެއާއެކު އެ ބަޔާނުގައި ވިދާޅުވެފައިވަނީ މި ސަރުކާރުގެ ވިސްނުމަކީ އޯގާތެރި، ކުލުނުވެރި، ޕްރޮފެޝަނަލް އަދި ޖަވާބުދާރީ ވަނިވި ފުލުހުންގެ ހިދުމަތެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުންކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ރޭދުވާ ކުރާ މަސައްކަތްތައް ފާހަގަކޮޮށް ހުރިހާ ފުލުހުންނަށް ވަނީ ޝުކުރުވެސް އަދާ ކުރައްވާފައިވެއެވެ.