ލ. މާވަށުގެ ދަތުރުފަތުރުގެ ދަތިކަމާއި އެ އަތޮޅުގެ އެހެން ރަށްރަށާ ހުރި ދުރުމިން ފާހަގަކުރައްވާ ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ގާއިމުކުރާނަމަ، މާވަށުގައި އެ އެއަރޕޯޓު ގާއިމުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އަރިހު އެ ރަށު ކައުންސިލުން އެދެފިއެވެ.

އެ ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް ޑރ. މުއިއްޒު، އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހައްދުންމަތީ މާވަށު ކަންސިލް އިދާރާގައެވެ.

މީގެއިތުރުން އެ ކައުންސިލުން ވަނީ ރައީސް ލާމު އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މާވަށަށް މިއަދު ވަޑައިގެންނެވުމަކީ މި ސަރުކާރުން މާވަށަށް ދެއްވާ އިސްކަން ހާމަވިކަމެއް ކަމުގައި މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

އަދި ޓޫރިޒަމް ތަރައްގީ ކުރުމާއި ސިއްހީ ހިދުމަތް ތަރައްގީ ކުރުމާއި ގޯތި ދިނުމަށް ބިން ދޫކުރުމަށް ބިން ހިއްކުމުގެ މުހިންމުކަމުގެ މައްޗަށް ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.