އުމްރާނީ ތަރައްގީކަމުގައިވިޔަސް، މަގު ހެދުން، ބިން ހިއްކުން، ނަރުދަމާ، މިހެންގޮސް އިގްތިސާދީ މަޝްރޫއުތައް ހިންގުންކަމުގައިވިޔަސް، ރައްޔިތުން އުންމީދު ކުރާވަރުގެ ތަރައްޤީއެއް ރައްޔިތުން އެދޭގޮތަށް ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހައްދުންމަތީ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލ އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެތަނެއް ނިންމާނީ ލ އަތޮޅުގެ ރައްޔިތުންގެ އަޑުއަހައިގެން، އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށްކަމުގައެވެ. އަދި ތަރައްގީގެ ކަންކަން ކުރިއަށްގެންދިއުމުގައި އިސްދޫ-ކަލައިދޫ ދާއިރާއަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ލ އަތޮޅަށް ގެނެސްދެއްވަން ވިސްނަވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ރައްޔިތުންނާ ރައީސް ހިއްސާކުރެއްވިއެވެ. އަދި އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެމައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، އާމްދަނީ އިތުރުވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދަވަން ހުރި ކަންކަން ކުރުމަށް، ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ، ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ލ. އިސްދޫ އަދި ކަލައިދޫއަކީ ރައީސް ލ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.