ލ. ދަނބިދޫ ކައުންސިލުން އެރަށް ގިރުމާ ގުޅިގެން ކުރިމަތިވަމުންދާ ދަތިކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއާ ހިއްސާކުރައްވައިފިއެވެ.

ދަނބިދޫ ކައުންސިލުން މިކަން ރައީސްއަށް ހިއްސާކޮށްފައިވަނީ އެމަނިކުފާނު އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށު ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކާއި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު ދަނބިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ފަށާފައިވާ މުހިންމު ބައެއް މަޝްރޫއުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައިވެއެވެ.

އެގޮތުން ކައުންސިލުން ވަނީ ރަށުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ މިސްކިތުގެ މަސައްކަތް ނުފެށި ލަސްވުމާއި ރަށުގެ އިޖްތިމާއީ މަރުކަޒެއް ބިނާ ކުރުމާއި ރަށުގެ ބޮޑުމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އަދި ރަށުގެ ނަރުދަމާ ނިޒާމާއި ރަށު ބަނދަރުގެ ހާލަތުގެ އިތުރުން ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުންތައްވެސް ހިއްސާކުރައްވާފައިވެއެވެ.

ދަނބިދޫ އ.ތ.މ. ކޮމިޓީން، އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ދަތިތައް ހިއްސާކޮށްފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.