ލ. ކުނަހަންދޫގެ ހޮސްޕިޓަލުގެ ހިދުމަތް ހޯދުމުގައި ދިމާވާދަތިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އަރިހު ކުނަހަންދޫ ކައުންސިލުން ބުނެފިއެވެ.

ކުނަހަންދޫ ކައުންސިލުން މިކަމަށް އެދިފައިވަނީ ރައީސް ޑރ. މުއިއްޒު އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ފޮނަދޫ އިޖުތިމާއީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ ރަށަށް ތަރައްގީ ގެނައުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަނގަޅު ނަރުދަމާ ނިޒާމެއް ރަށުގައި ނެތުމާއި، ފުޓްބޯޅަދަނޑު ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުންވަނީ ރަށުގައި ވަޒީފާތައް އުފެއްދުމަށް ގެންގުޅޭ ވިސްނުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށުމާއި، ކުނަހަންދޫގެ ސްކޫލް އިތުރަށް ކުރިއެރުވުމަށް ކައުންސިލްގެ ހިޔާލު ރައީސްއާ ހިއްސާކުރައްވާފައިވެއެވެ.

އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި މުހިންމު ބައެއް ކަންކަމުގެ ތެރޭގައި އުދައަރާ ދުވަސްވަރެއް ނަމަ ރަށުތެރެއަށް ލޮނުގަނޑު ފޭދުމުން ދިމާވާ ގޮންޖެހުންތައް ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސްވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަދީންކަން ރައީސް ދެއްވާފައިވެއެވެ.