ކޮވިޑުގެ ތެރޭގައި އެސް.ޑީ.އެފް.ސީ. އަދި އެޗް.ޑީ.އެފް.ސީ. މެދުވެރިކޮށް އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކޮށްދޭން ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ލ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ޢީދު ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު މި ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކުރުމަށް އެދި ހުށަހެޅޭނެ ކަމުގައި ވިދާޅުވިއެވެ.

އަދި ކޮވިޑާ ގުޅިގެން އެކި ފަރާތްތަކުން ނެގި ލޯނުތަކަށް އިންޓްރެސްޓް އަރަމުންގޮސް މީހުންނަށް އެފައިސާ ދައްކަން އުނދަގޫވާވަރު ވެފައިވާކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ރައްޔިތުންނަށް އިތުރު ލުޔެއް ހޯދައިދެއްވުމަށް ފަހިކޮށްދެއްވި ކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ފޮނަދޫގެ ތަރައްގީއަށް ރާވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން، ފޮނަދޫއާއި އަދި މުޅި އަތޮޅާއި، މުޅި ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ފޮނަދޫ ތަރައްގީކުރާނީ ރާއްޖޭގެ 7 ސަރަހައްދެއްގައި ކަނޑައަޅާ އަރބަން ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރާއިރު އެންމެ މުހިންމުކަމެއްގެ ގޮތުގައި ގެދޮރުވެރިކަމަށް އިސްކަން ދެއްވާނެކަމަށާއި، އަދި ފޮނަދޫގެ ބިން އިތުރަށް ހިއްކައި، އެރަށުގައި ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މުޅި އަތޮޅުގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހައްދުންމަތީގެ އެކި ދާއިރާތަކުގެ ރަށްތައް ކައިރިން އެކި ކޮންސެޕްޓުތަކުގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ތަރައްގީކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.