ހައްދުންމަތީ ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރައްވައިފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުން އޮތީ ރައީސް ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ހައްދުންމަތީ ކައްދޫ އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސްވަނީ ފަށްޓަވާފައެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓްގެ ކޮންޓްރެކްޓް އެވޯޑްކުރުމާއި ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓް އިފުތިތާޙް ކުރުންވެސް އޮތެވެ.

ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނާ އެކުގައެވެ. ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ އަބްދުﷲ މުއްތަލިބެވެ. ސީ.އެމް.އޭ.ސީ އިންޖިނިއަރިން ކޯޕަރޭޝަނުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއި އެވެ.

ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާއިރު 2.45 ކިލޯމީޓަރުގެ ރަންވޭއަކާއެކު ޕީކް ގަޑީގައި އެއްފަހަރާ 300 ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓަރމިނަލެއް ތަރައްގީކުރާނެއެވެ. މީގެ އިތުރުން ފިއުލް ފަރމްއާ އަދި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ތަރައްގީކުރެވޭނެއެވެ.

ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 56.60 ހެކްޓަރުގެ ބިން ހިއްކައި 4433 މީޓަރުގެ ރިވެޓްމަންޓު ޖަހާނެއެވެ.

ރޭގެ ރަސްމިއްޔާތުގައިވަނީ ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބް އިފުތިތާހު ކޮށްފައެވެ. ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނަށެވެ. ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ވަޖީހު އިބްރާހީމެވެ. ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއި އެވެ.

ލާމު މެރިޓައިމް ހަބުގައި ގާދޫ ކޮންޒަރވޭޝަން ޕްރޮޖެކްޓެއް ހިންގުމާއި، ކްރޫޒް ޓަރމިނަލެއް ގާއިމުކުރުމާއި، ސުޕަޔޮޓް މެރީނާއެއް ގާއިމުކުރުމާއި، އޮފްޝޯ ބަންކަރިންގގެ ހިދުމަތް ދިނުމާއި، އަދި އިކޯ ރިޒޯޓް ގާއިމުކުރުން ހިމެނެއެވެ.