ހިތަދޫގައި ފުޓްބޯޅަ ދަނޑެއް ހެދުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އަރިހު އެރަށު ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިހެން ބުނެފައިވަނީ ރައީސް، އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ހައްދުންމަތީ ފޮނަދޫ އިޖުތިމާއީ މަރުކަޒުގައެވެ.

މިބައްދަލުކުރެއްވުމުގައި ހިތަދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް މިހާރަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ހިތަދޫ ކައުންސިލްގެ ފަރާތުން ވަނީ އެރަށުގެ މަގުތައް ހެދުމާއި ދައުލަތުގެ އިދާރާތަކުން ހިދުމަތް ހޯދުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން ރަށުން ލިބޭ ސިއްހީ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ރަށުގައި ހުރި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ކައުންސިލުން ވަނީ ރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ހަރުދަނާ ގޮތެއްގައި ލިބޭނެ މަގުފަހިކޮށްދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.