ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ލ. މުންޑޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ހައްދުންމަތީ ގަމު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރުގެ ދަތިކަމާއި ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މައްސަލައިގެ ކަންބޮޑުވުންތައް ކައުންސިލުން ވަނީ ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކައުންސިލްގެ ވިސްނުން ހުރިކަން މެންބަރުން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.
މުންޑޫ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކައުންސިލްގެ މެންބަރުންނަކީ އެއިރެއްގައި އޮތް ސަރުކާރަކާ އެކީގައި މަސައްކަތްކޮށް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާނެ މެންބަރުންތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލްގެ ކޮމިޓީތަކުގެ އެލަވަންސް ފައިސާ ލިބުމުގައި ހުރި ދަތިތައް ކައުންސިލުން ހިއްސާ ކުރައްވާފައިވެއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.