ފ އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާފަދަ އަރބަން ސެންޓަރަކަށް، ނިލަންދޫ ހަދާދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިލަންދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާގޮތަކަށް ކަންކަން ކުރުންކަމުގައެވެ. އެގޮތުން މި ސަރުކާރުގެ ތަރައްގީގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އަރބަން ސެންޓަރު ގާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ސެންޓަރުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ހިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރުން ހާއްސަގޮތެއްގައި ނިލަންދޫގެ ތަރައްގީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ވަރަށް ތަފްސީލީ ގޮތެއްގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ނިލަންދޫގެ އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫއު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ދެ ރިސޯޓެއް ތަރައްގީކުރައްވާނެކަމަށާއި، ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ރާވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދިލެއްވި ކަންކަމުގެ އިތުރުންވެސް ނިލަންދޫ ތަރައްގީކުރުމަށް މަސައްކަތްކުރައްވާނެކަމުގައެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން "އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ދޭން" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އަދި ހަޤީޤީ މާނާގައި، އިޚްލާސްތެރިކަމާއެކީގައި، މި ޤައުމަށް ހަމަޖެހުން ގެންނަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތަކަށްވެސް އެމަނިކުފާނު މި ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން "ސިޔާސީ ވީމަ ބަދަލު ހިފުން އެއީކީ ކުރާނެކަމެއް ނޫން" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނަށް މުހިންމީ 'ބާރު ސްޕީޑު' ގައި ތަރައްޤީ ގެންނަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އަވަހަށް ތަރައްޤީ ގެނައުމަށް ފުރުޞަތު ފަހިވެގެން ދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި