ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެ އަތޮޅު ކައުންސިލުން އެދިއްޖެއެވެ.

ނިލަންދޫ ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި އަދި ނިލަންދޫ ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅާއި އަދި ނިލަންދޫގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްޗުމުގައެވެ.

މިބައްދަލުކުރެއްވުން އޮތީ ރޭ އެރަށު އަންހެނުންގެ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ އެއަރޕޯޓުގެ މަޝްރޫއަކީ ރަށަށް އާރޯކަމެއް ގެނެސްދޭނެ މަޝްރޫއެއްކަން ފާހަގަކުރައްވައި އެމަސައްކަތް އަވަހަށް ނިންމައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމު މަރާމާތަށް ބޭނުންވެފައިވާތީ އެކަމަށް ހައްލެއް ހޯދުމާއި، ފެނުގެ ނިޒާމު އަވަހަށް ނިންމުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ، ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއެއް އެރަށުގައި ގެންގޮސްދެއްވުމަށް އެދުމާއި، ކައުންސިލު އިދާރާ ބާވެފައި ވުމުން އައު އިމާރާތެއްގެ ބޭނުންތެރިކަމާއި، ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމާއި، ފެރީނިޒާމުގެ ބޭނުންތެރިކަން ހިމެނެއެވެ.

މީގެ އިތުރުން ޕާކެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖުތިމާއީ އިގްތިސާދީ ތަރައްގީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.މި ބައްދަލުކުރެއްވުމުގައި ފ. އަތޮޅު ކައުންސިލުން ވެސް ވަނީ ކައުންސިލުގެ ކަންބޮޑުވުން ހުރި ކަންކަމާއި ކައުންސިލުގެ ކުރިއެރުމާއި އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންތައްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނިލަންދޫ އަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރާއިރު މިހާރަށް ރަށަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަރބަން ސެންޓަރަކަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސްވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ތަރައްގީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.