ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ކެނދިކުޅުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހޭރާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީއެވެ.

މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ކައުންސިލުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން އާންމުންވެސް ބައިވެރިވެފައިވެއެވެ.

އެ ކުންފުނިން ވިދާޅުވި ގޮތުގައި ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ 1 ޖޫން 2023ގަ އެވެ.

މީގެއިތުރުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ފުރަތަމަ މަރުހަލާގައި ޖުމްލަ 8 މަގެއްގެ މަސައްކަތް ކުރެވޭނެ ކަމަށާއި އެއީ އެކު ޖުމްލަ 3668.1 މީޓަރު ކަމަށްވެސް އާރްޑީސީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން:

  • މަގުތައް ތަރައްގީ ކުރާއިރު ސްޓޯރމް ވޯޓަރ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުން
  • ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުން
  • ދުވާރުތައް ހެދުމާ ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުން
  • އަދި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ހިމެނެއެވެ.

އަދި މި މަޝްރޫއުގެ އަގަކީ ޖުމްލަ 90,894,554.10 ދިވެހި ރުފިޔާ ކަމަށް އާރްޑީސީން ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މި މަޝްރޫއު ހިންގުމަށް ކެނދިކުޅުދޫގައި ގާއިމް ކުރެވޭ އެ ކޯޕަރޭޝަނުގެ ސައިޓާއި އަދި މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އިތުރުން ވެހިކަލްތައް މިހާރުވަނީ އެރަށް ފޮނުވިފައި ކަމަށްވެސް އެ އާރްޑީސީން ވިދާޅުވިއެވެ.