އައްޑޫ ސިޓީގައި ކޮވިޑް ފެތުރެމުންދާތީ އެ ބަލިން ސަލާމަތް ވުމަށް އައްޑޫސިޓީ ކައުންސިލުން ބައެއް ފިޔަވަޅުތައް އަޅުއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މިއަދު ހަވީރު 4:00 އިން ފެށިގެން ސިޓީގެ ކެފޭ ރެސްޓޯރެންޓްތައް ބަންދުވާނެ ކަމަށެވެ. އެތަންތަނުން ހަމައެކަނި ދެވޭނީ ޓޭކް އަވޭގެ ޚިދުމަތާއި ޑެލިވަރީގެ ޚިދުމަތް ކަމަށް ވިދާޅުވެފައިވެއެވެ.

ޓޭކްއަވޭގެ ޚިދުމަތާއި ޑެލިވަރީގެ ޚިދުމަތް ދެމުންގެންދާއިރު ނަގުދު ފައިސާ ބޭނުންނުކުރުމަށް ވެސް ސިޓީ ކައުންސިލުން އެދިވަޑައިގެންފައިވެއެވެ. އަދި އެތަންތަނުގެ މުވައްޒަފުން އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދޭތޯ ކަށަވަރު ކުރުމަށް ވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ.

އޭގެ އިތުން އައްޑޫ ސިޓީގައި ގާޑިޔާތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ދިނުން ހުއްޓާލުމާއި ކޮވިޑް19 އާއި ގުޅިގެން ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ފިހާރަތަކަށް މީހުން ނުވެއްދުމަށް ވެސް ސިޓީ ކައުންސިލުން އެދިވަޑައިގެންފައިވެއެވެ. އަދި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް އެޅުމަށް ވެސް ކައުންސިލުން ވަނީ ނަސޭޙަތްތެރިވެފައެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އާއްމު މައިދާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅުމަށް ވެސް ކައުންސިލުން ވަނީ އަންގައިފައެވެ.

މިފަދަ އެންގުމެއް އެންގީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. "މި އެންގުންތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ." ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ އިން ކޮވިޑް ކޭސްތަކެއް ފެންނަމުންދާތީ އެޗުޕީއޭއިން ވަނީ އެސިޓީ މޮނިޓަރިންގ އަށް ލާފައެވެ.

އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހެލްތް ޕްރޮޓކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން ސިޓީ ކައުންސިލުން މިއަދު އިއުލާންކުރި ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށް ސިޓީ ކައުންއުންސިލުން ވިދާޅުވެފައިވެއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުން މިހާތަނަށް ވަނީ 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ހުޅުމީދޫން ވަނީ 25 ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ.