ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުލަކަތޮޅު މުލައް، މުސްތަރީގެ، ހަސަން ޒަކަރިއްޔާ އައްޔަން ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ހަސަން ޒަކަރިއްޔާ، އައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ހަސަން ޒަކަރިއްޔާއާ ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި، ޙަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރެއްވިއެވެ.