ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް، ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

މިބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޛު އިސްހާގު ހުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ.ހިންނަވަރު، ހިޔާވަހި އަލްއުސްތާޛާ ފާތިމަތު މަހީރާ މުހައްމަދެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޛާ ޝަހީމާ ސަލީމާއި ގއ.ގެމަނަފުށި، ފެހިކުރި އަލްއުސްތާޛާ އިޝާރާ އަބްދުލްއަޒީޒު އަދި ދަފްތަރު ނަންބަރު ދރ 265 އަލްއުސްތާޛާ ސައުސަން ޢަލީ އައްޔަންކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަލީ ރަޝީދު ހުސައިނެވެ.