ރ. އަލިފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި ކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އާރްޑީސީން ވިދާޅުވީ މިއަދު ހަވީރު އަލިފުށީގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަޝްރޫއު ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ކަމަށެވެ.

އަދި މި ރަސްމިއްޔާތުގައި މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއި ކުރެވުނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ.

އާރްޑީސީން އިތުރަށް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ޖުމްލަ އަގަކީ 90,956,112.97 ދިވެހި ރުފިޔާއެވެ.

އަދި އަލިފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 7 މަގެއްގެ މަސައްކަތް ކުރާނެ ކަމަށާއި އެއީ ޖުމްލަ 3819.4 މީޓަރ. ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ހަމައެއާއެކު އަލިފުށީގެ މަގުތައްވެސް ތަރައްގީ ކުރެވިގެންދާނީ ސްޓޯރމް ވޯޓަރ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރެވިގެންކަމަށެވެސް އާރްޑީސީން ވިދާޅުވިއެވެ.

އާރްޑީސީން ވިދާޅުވީ ކެނދިކުޅުދޫގައި ގާއިމް ކުރެވޭ އެ ކޯޕަރޭޝަނުގެ ސައިޓާއި އަދި މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އިތުރުން ވެހިކަލްތައްވެސް މިހާރުވަނީ އެރަށް ފޮނުވިފައި ކަމަށެވެ.