އައްޑޫ ސިޓީގައި ކޮވިޑް-19 ރޯގާ ފެތުރި، އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގެ ބައެއް ޑޮކްޓަރުން ކަރަންޓީނުވާން ޖެހުމުން ފުވައްމުލަކު ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެފައިވަނީ މިޙާލަތުގައި އޭއީއެޗަށް "ދިމާވި ދަތި ވަގުތުގައި މި ހޮސްޕިޓަލުން ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ." އެގޮތުން އެ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރ ޑރ. މުރުޝެދް ޗޯވްދުރީ މިއަދު ވަނީ އޭއީއެޗާ ގުޅިވަޑައިގެންފައެވެ.

މީގެ އިތުރުން ވެސް އޭއީއެޗަށް ބޭނުންވާ އެހެނިހެން ކަންތައްތަކުގައިވެސް ފުވައްމުލަކު ހޮސްޕިޓަލުގެ އެހީތެރިކަން ފޯރުކޮށް ދެމުން ގެންދަވާ ކަމަށް ވިދާޅުވެފައިވެއެވެ.

"ނުރައްކާތެރި ހާލަތަކާ ކުރިމަތިލާންޖެހޭ ދަނޑިވަޅުތަކުގައި މި ހޮސްޕިޓަލުގެ ފަންނީ މުވައްޒަފުން ދެއްވާ އެއްބާރުލެއްވުމަށާއި ދައްކަވާ ހިތްވަރަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ." ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރަޙައްދުގެ ރަށްތަކުގައި ދިރިއުޅުއްވާ ހުރިހާ ބޭފުޅުންވެސް ޞިއްޙީ ދާއިރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރެއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މި ވަގުތަކީ ފުވައްމުލަކު ހޮސްޕިޓަލުގައި ވެސް ގައިނީ ޑޮކްޓަރެއް ނެތް ވަގުތެކެވެ. އެހެން ކަމުން އެއީއެޗުން ގައިނީ ޑޮކްޓަރަކު ފޮނުވައި ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލުން އެދިވަޑައިގެންނެވިއެވެ. އެހެންނަމަވެސް އޭއީއެޗުގައި ވެސް ތިއްބެވީ ގައިނީ ޑޮކްޓަރުންގެ ދެބޭފުޅުންނެވެ. އެހެން ކަމުން އެއީއެޗުގެ ޑޮކްޓަރަކު ފޮނުވޭގޮތެއް ވަނީ ނުވެފައެވެ.