ފާއިތުވި 14 ދުވަސް ތެރޭގައި އައްޑޫ ސިޓީއިން ފުވައްމުލަކަށް ދަތުރުކުރި މީހުން ހޯމް އައިސޮލޭޝަނަށް ދިއުމަށް ފުވައްމުލަކު ހޮސްޕިޓަލުން އެދިވަޑައިގެންފިއެވެ.

އެހޮސްޕިޓަލުން ވިދާޅުވީ މިއީ އައްޑޫ ސިޓީ އިން ކޮވިޑް19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެޅުއްވި ރައްކާތެރި ކަމުގެ ފިޔަވަޅެއް ކަމަށެވެ.

"ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އައްޑޫއިން ފުވައްމުލަކަށް ދަތުރުކުރި ފަރާތްތަކުން ރައްކާތެރިކަމެއްގެ ގޮތުން އެކަހެރިވުން (ހޯމް އައިސޮލޭޝަނަށް ދިޔުމަށް) އެދެމެވެ." އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ކޮވިޑް19ގެ އެއްވެސް އަލާމަތެއް ފެނިއްޖެނަމަ ފުލޫ ކުލިނިކަށް ދެއްކެވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން މިހާތަނަށް ވަނީ 18 މީހަކުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ހުޅުމީދޫން ވަނީ 25 މީހުން ޕޮޒިޓިވް ވެފައެވެ. އެއީ ޕްރޮޖެކްޓަކަށް އެރަށަށް އައިސްތިބި ބިދޭސީ ބައެކެވެ.

މި އަދަދަށް މީހުން ޕޮޒިޓިވް ވުމުން ގުޅިފައިވާ ރަށްރަށުގައި މިހާތަނަށް ވަނީ 61 ގެ ކަރަންޓީން ކޮށްފައެވެ. މިހާރުވެސް ގެންދަވަނީ ކޮންޓެކްޓް ޓްރޭސް ކުރުމާއި ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިރޭ ވެސް 30 ސާމްޕަލެއް ނެގުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން މާދަމާ 70 ސާމްޕަލެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.