ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުހައްމަދު މުއިއްޒަށް ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ނ) އިން ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ދަފްތަރު. ނަންބަރު ރސ 5012، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މިއަދު އައްޔަންކުރައްވައިފިއެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، 17 އެޕްރީލް 2024 ގައި ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މީގެ އިތުރުން ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ގިޔާޘް އައްޔަންކުރައްވާފައެވެ.