ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު ޑްރެޖާރ އެއް ގެނެސް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ މީގެ ކުރިން 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ އެއް ޑްރެޖާރ ބޭނުންކޮށްގެން ކަމަށެވެ. އެއީ "ޓީއެސްއެޗްޑީ ވިލެމް ވެން އޮރަންހީ" އެވެ. މި ޑްރެޖާރގެ ކެޕޭސިޓީ އަކީ 12،000 ކޮޑިމީޓަރެވެ.

މީގެއިތުރުން ބިން ހިއްކުމުގެ މަސައްކަތަށް މިއަދު ގެނައި ދެވަނަ ޑްރެޖާރ "ޓީއެސްއެޗްޑީ ޕްރިންސް ޑިނެޑަރލެންޑެން" ގައި 22،000 ކޮޑިމީޓަރުގެ ވެލި އުފުލޭނެ ކަަމަށާއި ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި މި 2 ޑްރެޖާރ އެކީގައި ބޭނުންކުރަން ފެށުމުން މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށްވެސް އެޗްޑީސީން ވިދާޅުވެފައިވެއެވެ.

މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އަދި އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކައި ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކަމަށްވެސް އެޗްޑީސީން ވިދާޅުވެފައިވެއެވެ.