ކުރީގެ ސަރުކާރުގައި "ގެދޮރުވެރިކުރުވުން" ޕްރާގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި މިއަދު ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެގޮތުން، މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ އަދި އެ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓާއި ސިޔާސީގޮތުން ހަވާލުވެހުރި އިބްރާހީމް ނަޒީމްގެ މައްޗަށެވެ.
މި މައްސަލައިގައި ނަޒީމްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާ ހޯދާދިންކަމުގެ ކުށުގެ ދަޢުވާއެވެ.
އޭސީސީން ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓްދީފައިވަނީ ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން ކަމަށްވީނަމަވެސް، ފަހުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެންގުމުގެމަތިން ހއ.ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން މަޑުޖައްސާލައި، ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެނަސްފައިވާކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގެން އޮންނަ ކަމަށެވެ.
އަދި، މިނިސްޓްރީގެ ފަރާތުންވެސް ހައުސިންގ ޔުނިޓްތަކަށް ޕޮއިންޓްދީފައިވާކަމާއި، އިވެލުއޭޝަން މަރުޙަލާގެ ރިވިއު މަސައްކަތުގައި އިބްރާހީމް ނަޡީމް ބައިވެރިވެފައިވާކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގިފައިވާ ކަމަށް ވެސް އޭސީސީން ވިދާޅުވެ އެވެ.
ހައުސިންގ ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިޢުލާންކޮށްފައިވާއިރު، ޔުނިޓްތައް ދޫކޮށްފައިވަނީ ހަދާފައިވާ އިވެލުއޭޝަންއާ ޚިލާފަށްކަމަށާއި، އަދި އިވެލުއޭޝަނުން އެންމެ މަތިން މާރކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ނޫންކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގެން އޮންނަ ކަމަށް ވެސް އޭސީސީން ވިދާޅުވި އެވެ.
އެގޮތުން، ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރުމުގެ މަސައްކަތްކުރި މުވައްޒަފާ އެ ލިސްޓް ހަވާލުކޮށްފައިވަނީ އިބްރާހީމް ނަޡީމްކަން އެނގެން އޮންނައިރު، އާންމުކޮށް ހައުސިންގ ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓްތައް އެޕްރޫވްކުރަނީ އިބްރާހީމް ނަޡީމްކަން މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތުން ހާމަވާ ކަމަށް އޭސީސީން ވިދާޅުވި އެވެ.
މީގެއިތުރުން، ހއ.ދިއްދޫ އަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިންގ ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް ނަޒީމް އެއްބަސްވެފައިވާ ކަމާއި އަދި އެ ފަރާތްތަކަކީ ލިބިފައިވާ ޕޮއިންޓްތަކަށް ބަލާއިރު ހައުސިންގ ޔުނިޓްތައް ލިބެންޖެހޭ ފަރާތްތަކެއް ނޫން ކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވި އެވެ.
އެހެންނަމަވެސް އެ ފަރާތްތައް ދާއިމީ ލިސްޓްގައި ހިމަނައި، ހައުސިންގ ޔުނިޓްތައް ހަވާލުކޮށްފައިވަނީ ނަޒީމްގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެންކަން ތަޙްޤީޤަށް އެނގެން އޮންނަ ކަމަށް އޭސީސީން ވިދާޅުވި އެވެ.
" އިބްރާހީމް ނަޡީމްއަކީ ހއ.ދިއްދޫ ހައުސިންގ ޔުނިޓްތައް ދޫކުރި އިރު ހައުސިންގ ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާކަމަށްވެފައި، ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭފަދަ މަޤާމެއްގައި ހުރި މީހެކެވެ. އެހެންކަމުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށް ހައުސިން ޔުނިޓްތައް ލިބެން ނުޖެހޭ ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ދީފައިވަނީ އިބްރާހީމް ނަޡީމް އޭނާގެ މަޤާމުގެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުކުރެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އިބްރާހީމް ނަޡީމްގެ މައްޗަށް ދަޢުވާ ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ" އޭސީސީން ވިދާޅުވި އެވެ.