ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއްޖެއެވެ.
އެ މިނިސްޓްރީން މިކަން ހާމަ ކުރައްވާފައި ވަނީ ރައީސް ސާލިހުގެ ސަރުކާރުން ފުލެޓް ދިނުމަށް ނިންމާފައިވާ ލިސްޓަށް ބަދަލުތަކެއް ގެނެސް މި ސަރުކާރުން ތައްޔާރުކުރި ކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވުމުގުޅިގެން އެ މިނިސްޓްރީން އިއްޔެ ނެރުނު ނޫސް ބަޔާނުގައެވެ.
އެ ނޫސްބަޔާނެއްގައި ހައުސިން މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ އެ މިނިސްޓްރީއާއި މެދު އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުންދާ ކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ ދެންނެވުނު ދެ ސްކީމުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމުގައިވާއިރު، އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު މިއިން ސްކީމެއްގެ ދަށުން ބާކީކޮށް ނުލާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އަރުވާކަމަށެވެ.
މީގެއިތުރުން ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަކީ އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމާއި ގުޅިފައިވާ ވަރަށް ހައްސާސް މައްސަލެއް ކަމަށާއި އެހެންކަމުން މިނިސްޓްރީގެ ބަހެއް ނެތި ހަގީގަތާ ހިލާފު ވާހަކަތައް ފެތެރުމަކީ ސީރިއަސް މައްސަލައެއް ކަމަށްވެސް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައެިވެއެވެ.