މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި ފަސް އަހަރުތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނަ ހިސާބު އެއީ އަމާޒު ކަމަށާއި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރައްވައި، މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީކަން ދެއްވީ، މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއު ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތަކަށް އެންމެ އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، ރަނގަޅު ނަތީޖާ ނެރެވޭނެގޮތަށް ކުރިއަށްގެންގޮސް ނިންމަވަން ބޭނުންފުޅުވާ ކަމަށާއި، އެފަދަ މަސައްކަތްތައް ވަރަށް ގާތުން އެމަނިކުފާނު ބައްލަވާކަމުގައެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއު ބައްލަވާލައްވައި ރައީސް ވަނީ ވަކިވަކީން ކޮންމެ ސަރަހައްދެއްގެވެސް މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވައި، އެތަންތަނުގައި ތަރައްގީކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ފުރިހަމަ ކުރެވޭނެކަމަށް ބެލެވޭ ތާރީހުތައް ހިއްސާކުރައްވާފައެވެ.

އަދި މި ތިން ސަރަހައްދުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް އެމަނިކުފާނު ނޫސްވެރިންނާ ހިއްސާކުރެއްވިއެވެ.

އެގޮތުން ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢު ބައްލަވާލައްވައި އެމަނިކުފާނު ވިދާޅުވީ ގުޅީފަޅުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައެވެ. ގިރާވަރުފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި، އަދި މި މަސައްކަތްވެސް އަވަސް ކުރުމަށް ޑްރެޖަރު އިތުރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިހާރު ހިއްކާފައިވާ ބިމުން ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ދާކަމުގައި ފާހަގަކުރައްވައި، ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާރު ބިން ހިއްކުމަށް ނިންމާފައިވާ "ފުލް ސްކޯޕް"ގައި ގިނަވެގެން 4 މަސް ތެރޭގައި ނިމޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.