މިއަދު ކުރިއަށް ދިޔަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި ވޯޓުގައި މިހާތަނަށް 50 ގޮނޑި ކަށަވަރުކޮށް މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައަިފިއެވެ

އެގޮތުން ޕީއެންސީން ވާދަކޮށް ކާމިޔާބު ކުރެއްވި ބައެއް ބޭފުޅުން ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ނިލަންދޫ ދާއިރާގެ ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ޕީއެންސީގެ ފަރައިތުން ވާދަކުރައްވާ ކެންޑިޑޭޓް ފާތިމަތު ސައުދާ އެވެ.

މީގެއިތުރުން މި އިންތިހާބުގައި ޕީއެންސީން ވާދަކުރައްވާ ހިތަދޫ މެދު ދާއިރާގެ ގޮނޑި އަހުމަދު އަޒާން ކާމިޔާބު ކުރައްވައިފައިވާއިރު ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު)ވެސް ވަނީ ހުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

އަދި މާލޭގެ މުހިއްމު ދާއިރާތަކުގެ ތެރެއިން، އެމްޑީޕީން ޒަމާނުއްސުރެ ކާމިޔާބުކުރަމުން އައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުސްތަފާ ހުސައިން ކާމިޔާބުކުރައްވާފައެވެ.

ހަމައެއާއެކު ހެންވޭރު ހުޅަނގު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގެ ގިނަ ދާއިރާތައްވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.

މާލެ ސިޓީގެއިތުރުން ފުވައްމުލަކު ސިޓީގެ އަގުލަބިއްޔަތު ވެސް އެ ޕާޓީން ހޯދާފައިވެއެވެ.

މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑިއެވެ. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 އެވެ.