ވިހިވަނަ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ލ.އަތޮޅުގައި ހަވާ އަރުވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ލ.އަތޮޅުގައި ހަވާއަރުވަނީ އެ އަތޮޅުން ސަރުކާރަށް ދިން ތާއީދު ފާހަަގަކުރެއްވުމާއި ރައްޔިތުންނަށް ޝުކުރުދެންނެވުމާ އުފާ ފާޅުކުރުމުގެ ގޮތުން ކަމަށެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ އިންތިހާބުގައި އަތޮޅުގެ ހަތަރު ދާއިރާގެ ތެރެއިން ތިން ދާއިރާއެއް ސަރުކާރުގެ މައި ޕާޓީ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ އިސްދޫ, ގަން އަދި ފޮނަދޫ ދާއިރާއެވެ. މާވަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

އެގޮތުން ލ.އަތޮޅުން ޕީއެންސީގެ ކެނޑިޑޭޓުން ހޮވުނު ދާއިރާތަކުގެ ހުރިހާ ރަށެއްގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށާއި އުފާ ފާޅުކުރުމަށް އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައިވާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ނަމަވެސް ހަވާ އަރުވަނީ ކޮން ދުވަހަކު ކަމެއް މިނިސްޓަރ ވިދާޅުވެފައެއް ނުވެއެވެ.