މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދުގެ ބައްޕާފުޅު، އަލް މަރްހޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގެ ޕްލެޓްފޯމެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި ރައީސް ވިދާޅުވި ތަޢުޒިޔާގެ މެސެޖުގައި އަލް މަރްހޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައިކަމަށް ވިދާޅުވިއެވެ.

އަދި މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މައްޔިތާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ވަނީ ދުއާކުރައްވައިފައެވެ.