ރިޔާސީ އިންތިހާބު ތެރޭގައި ޕީޕީއެމް/ޕީއެންސީއާ މައްސަލަ ޖެހި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެެފް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި މިއަދު ރަޖިސްޓްރީކޮށްފިއެވެ.

މި ކަށަވަރު ކޮށްދެއްވާ އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވަނީ ޕާޓީ ރަޖިސްޓްރީގެ ލިޔުމުގެ ކޮޕީއެއް 'އެކްސް' ގައި ހިއްސާކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންއެފް ހިމަނާފައިވާކަން ޔަގީންކޮށްދީފައެވެ

ޕީއެންއެފް ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ޔާމީންގެ ފަރާތްޕުޅުން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވީ އެމަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މަލީހް ޖަމާލެވެ.

ޕީއެންއެފްގެ މަސްއޫލުވެރިއަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފްއާއެކު އީސީގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީވެފައި އެބައޮތެވެ. އެންމެ މެންބަރުން ގިނައީ މިހާރު އިިދިކޮޅުގައި އޮތް އެމްޑީޕީގައެވެ. އެ ޕާޓީގެ ދަފްތަރުގައި 51،919 މެންބަރުން ރަޖިސްޓްރީވެފައިވާއިރު ޕީއެންސީގައި ހިމެނޭ މެންބަރުންގެ އަދަދަކީ 29236 އެވެ. ޕީޕީއެމްގައި ތިބި މެންބަރުންގެ އަދަދަކީ 35،987 އެވެ.