ކުރިއަށް އޮތް 2024-2025 ވަނަ ސީޒަނަށް ލިވަޕޫލުގެ ކޯޗުގެ މަގާމަށް ފައިނޯޑަށް ކޯޗު ކޮށްދެމުން އަންނަ އާނާ ސްލޮޓު ހަމަޖައްސައިފިއެވެ.

ލިވަޕޫލުން ވަނީ މީގެ ހަފްތާއެއް ކުރިން ނެދަލޭންޑްސްގެ އާނާ ސްލޮޓުގެ ސޮއި ހޯދުމަށް ޓަކައި ފައިނޯޑަށް ނުވަ މިލިއަން ޑޮލަރުގެ އަދަދެއް ހުށަހަޅާފައެވެ. ނަމަވެސް ފައިނޯޑުން އެ އަދަދު ބަލައިނުގަތުމާއެކު ލިވަޕޫލުން ވަނީ އެ އަދަދު އެގާރަ މިލިއަނަށް އިތުރުކޮށް, ސްލޮޓު ލިވަޕޫލަށް ގެނައުމަށް ފައިނޯޑާ އެއްބަސްވުމަކަށް ވާސިލުވެފައެވެ. ލިވަޕޫލުން, ސްލޮޓުގެ ސޮއި ޔަގީން ކުރުމަށް ހޭދަކުރި ބޮޑު އަދަދުގެ ސަބަބުން އޭނާ ވެފައިވަނީ ނެދަލޭންޑްސްގެ ތާރީހުގައި އެންމެ އަގުބޮޑުކޮށް ކްލަބަކުން ސޮއި ކުރި ކޯޗަށް ވެފައެވެ.

45 އަހަރުގެ ސްލޮޓު ވަނީ ލިވަޕޫލަށް ކޯޗުކޮށްދިނުމަށް އޭނާ އެދޭ ކަމަށް ހާމަކޮށްފައެވެ. އޭނާ ހާމަކުރި ގޮތުގައި ފައިނޯޑުގައި އޭނާ ހުރީ ވަރަށް އުފަލުގައި ކަމުގައިވި ނަމަވެސް, ލިވަޕޫލު ފަދަ ބޮޑު ކްލަބަކުން އޭނާ ބޭނުންވާނަމަ އެ ފުރުސަތަށް ނޫނެކޭ ބުނަން އުނދަގޫ ކަމަށެވެ.

"ފައިނޯޑުގައި އަހަރެން މި ހުރީ ވަރަށް އުފަލުގަ. އެކަމަކު ވެސް ލިވަޕޫލު ފަދަ ކްލަބަކަށް ކޯޗު ކޮށްދިނުމަކީ އަހަރެންގެ ކޯޗުކަމުގެ ކެރިއަރަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. އަހަރެން ސިއްރެއް ނުކުރާނަން އަހަރެން ލިވަޕޫލަށް ދާން ބޭނުންވާ ކަމެއް" ލިވަޕޫލުގެ ކޯޗުކަމުގެ މަގާމާ ބެހޭ ގޮތުން ވާހަކަދައްކަމުން ސްލޮޓު ބުންޏެވެ.

ފައިނޯޑު އަދި މި ސީޒަނުގައި ތިން މެޗު ކުޅެން އޮތުމާއެކު ސްލޮޓު ލިވަޕޫލާ ގުޅޭނީ އެ ތިން މެޗުގައި ފައިނޯޑަށް ކޯޗުކޮށްދިނުމަށްފަހުއެވެ. ފައިނޯޑުގެ ސީޒަން ނިމުމާއެކު ސްލޮޓު އަމަލީ ގޮތުން ލިވަޕޫލާ ގުޅޭނެ ކަމަށް ރިޕޯޓު ތަކުން ވަނީ ހާމަކޮށްފައެވެ.