ލިޔުނީ: އަޒްހީން

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ "ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލާބޮރޭޝަން، ގްރޯތު އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ސައުދީއަށް ކުރައްވާ ދަތުރުފުޅެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މިނިސްޓަރު ޒަމީރު ކޮންފަރެންސްގެ އިވެންޓްތަކާއި ސެޝަންތަކާއި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. މިއީ ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރުގަދަކުރުމަށް ބާއްވާ ހަރަކާތްތަކެކެވެ. މީގެ އިތުރުން، ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެހެނިހެން ޚާރިޖީ ވަޒީރުންނާއި، އެކިއެކި ސަރުކާރުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކުގެ އިސްވެރިންނާއި، ވިޔަފާރިވެރިންނާއި، ޢިލްމީ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

"ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓް" އަކީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ލީޑަރުން އެއްތަނަކަށް އެއްވެ، ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.