ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ ކުރިއަށް ދިޔައީ މިއަދު ހެނދުނު ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ.
އެކަމަނާގެ ވާހަކަފުޅުގައި ހިތްވަރާއި، އޯގާތެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް އަޒުމް ކަނޑައެޅުމަށް އެދިވަޑައިގެންފައިވެއެވެ.
އަދި ސައިންސާއި، ޓެކްނޮލޮޖީ އާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލް މީހުން ނިސްބަތް ވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށްކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
ހަމަ އެއާއެކު މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާކަމަށާއި، މިގޮތުން، އަންހެނުންނާއި ފިރިހެނުންނަށް ވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީ ހާސިލްކުރުމަށް ހުރަސްތަކެއް ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، އުފެއްދުންތެރިކަމާއި، ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި "ސްޓެމް ކޮމިއުނިޓީ" އެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެއްމެހައި ދަސްވެނިންނަށް ތަހުނިޔާ އާއި މުބާރިކްބާދީ ވިދާޅުވިއެވެ. އަދި ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނަ އިރު އެންމެންގެ ތަފާތުވުންތައް ގަބޫލު ކުރުމަށާއި، އެކަކު ވެސް ބާކީ ނުވާޏޭ ހެން ވަޒީފާ އަދާކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި ސަނަދު ޙާސިލް ކުރީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 28 ދަރިވަރަކާއި، ސްކޫލް އޮފް ނަރސިންގ އިން 94 ދަރިވަރުންނެވެ.
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ހިންގި އެކިއެކި ޑިގްރީ އަދި މާސްޓަރސް ނިންމި ދަރިވަރުންނަށް ސަނަދު ހަވާލުކޮށް ދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން ވެސް ޝަރަފުގެ އެވޯރޑް ލިބުނު ދަސްވެނިންގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އެއަށްވުރެ މަތި ލިބުމާއެކު، އެކި ކޯސްތަކުން އެއްވަނަ ހޯދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލްކުރެއްވި 2 ދަރިވަރުންނަށް ވެސް އެކަމަނާ ވަނީ އިނާމު ހަވާލު ކޮށްދެއްވާފައެވެ.
ގައުމީ ޔުނިވަރސިޓީގައި 3000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންގެންދެއެވެ. ޔުނިވަރސިޓީގައި މިވަގުތު 11 ފެކަލްޓީއަކާއި، މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަމުންދެއެވެ.