މި ސަރުކާރުން 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަގީން ކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގެއެވެ.

ހިނާ އިތުރަށް ވިދަޅުވީ ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުން ލިބުނު 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ގައުމަށް ތަރައްގީ ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ. އަދި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާނެ ކަމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި، ހިނާ ވަލީދު ވިދާޅުވިއެވެ.

ހަމައެއާއެކު މިވަގުތަށް ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑުކަމަށް ފާހަގަކުރެވޭ ކަމަކީ، ރަމަޟާން މަހުގެ ކަރަންޓް ބިލު ބޮޑުވުންކަން ފާހަގަކުރެއްވި އެވެ. އެ ގޮތުން އެކަމަނާ ވަނީ ފެނަކަ އާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުންނާ ސުވާލުކުރެއްވުމަށް ނޫސްވެރިންނަށް ފުރުސަތު ދެއްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ އާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުން ވަކިވަކިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައި ވެއެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ޑިސްކައުންޓް ދެއްވާފައިވާ ގޮތުގެ ތަފްސޫލީ މައުލޫމާތު އެ ދެ މުއައްސަސާއިން ނޫސްވެރިންނާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ހީނާ ވަލީދު ވިދާޅުވިއެވެ.