ޕީއެސްޖީގެ ތާރީހުގައި 12 ވަނަ ފަހަރަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހާސިލުކޮށްފިއެވެ.

ޕީއެސްޖީއަށް ލީގުގެ ޗެމްޕިއަންކަން ލިބުނީ, ރޭގައި ލިޔޯން އަތުން 3-2 އިން ދެވަނައިގައި އޮތް މޮނަކޯ ބަލިވުމުންނެވެ. ލިޔޯން އަތުން ބަލިވުމާއެކު, 70 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ޕީއެސްޖީ ފަހާލުން މޮނަކޯއަށް ވަނީ ނާދިރުކަމަކަށް ވެފައެވެ. އެއާއެކު ލީގުގައި ބާކީ ތިން މެޗު އޮތް ކަމުގައިވި ނަމަވެސް, ޕީއެސްޖީއަށް ވަނީ ޗެމްޕިއަންކަން ކަށަވަރުކުރެވިފައެވެ.

މި ސީޒަނުގައި ލީގު ހާސިލުކުރެވުމާއެކު ޕީއެސްޖީ ވަނީ މި ދިޔަ 13 ސީޒަނުގައި 10 ފަހަރަށް ލީގުގެ ތަށި ހިއްލާލައިފައެވެ. މި އަހަރުގެ ޖަނަވަރީ މަހު ކުޅުނު ސުޕާ ކަޕު ވެސް ޕީއެސްޖީ ކާމިޔާބު ކޮށްފައިވުމާއެކު މިއީ ޕީއެސްޖީ މި ސީޒަނުގައި ކާމިޔާބު ކުރި ދެވަަނަ ތަށްޓެވެ.

ޕީއެސްޖީ ވަނީ ފްރެންޗް ކަޕުގެ ފައިނަލަށް ވާސިލުވުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ވެސް ޖާގަ ހޯދާފައެވެ. މި ދެ މުބާރާތް ކާމިޔާބުކޮށް, ތާރީހީ "ކުއަޑްރޫޕަލް" އެއް ހާސިލުކުރުމުގެ ފުރުސަތު, ލުއިސް އެންރީކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޕީއެސްޖީއަށް އެބައޮތެވެ.