ދުނިޔޭގެ ޤައުމުތަކަށް ބިންހެލުންތައް އަންން ވާހަކަ އަހަރެމެން އަޑު އަހަމެވެ. ބޮޑެތި ތޫފާނު ތަކާއި އަލިފާނުގެ ކާރިސާތަކުގެ މަންޒަރުތައް ޓީވީގެ ޒަރިއްޔާއިން އަހަރެމެން ބަލަމެވެ. ޚުދު އަހަރެމެނަށް ވެސް މިފަދަ ކާރިސާ އަކާއި ކުރިމަތިވެއްޖެއެވެ. 2004ގެ ސުނާމީ ކާރިސާ އަކީ އެންމެ ގާތުން އަހަރެމެނަށް ފެނުނު ހިއްދަތި ހިތި ހަނދާންތަކަކާއި ގުޅިފައިވާ ހާދިސާ އެކެވެ. ނަމަވެސް ދުނިޔޭގެ ހުރިހާ ޤައުމަކަށް ދިމާވެގެން މި އުޅޭ ބަލިމަޑު ކަމަކީ އަހަރެމެން ހުވަފެނުންވެސް ދެކެފައިވާ ކަމެއްނޫނެވެ. އަހަރެމެން ތިބީ މިފަދަ ދުވަހެއް އަތުވެދާނެކަމަށް ޤަބޫލުވެސް ނުކުރެވޭފަދަ ޙާލަތެއްގައެވެ.
އަތުގައި ފައިސާ ހުރި މީހުން ބޭނުން ޤައުމުކަށް ދަތުރުކޮށް ހެދިއެވެ. މުއްސަނދި ކުރިއަރާފައިވާ ޤައުމުތަކުން ފުލެޓްތައް ގަނެގެން އުޅުނު މީހުން އެއް 3 މަސް ރާއްޖެއިން ބޭރުގަ އަނެއް 3 މަސް ރާއްޖޭގައި ވޭތު ކުރަމުން ގެންދިޔައެވެ. ހަމަ އެގޮތަށް ޗުއްޓީއެއް ލިބޭއިރަށް ސަފާރީތަކާއި ރިސޯޓްތަކަށް ހިތްހަމަޖައްސައިލަން ގޮސް އުޅުނު ދިވެހިންވެސް މަދަދެއް ނޫނެވެ. ނަމަވެސް މިއަދު މި އޮތީ އެ ހިތްހަމަޖެހުންތަކުން މަޙުރޫމްވާން ޖެހިފައެވެ. ވިސްނާ ފިކުރު ކުރާބަޔަކަށް ޢިބުރަތެކެވެ.
ހަމަ އެކަނި މުއްސަނދީންނެއް ނޫނެވެ. ލިބޭ އާންމު ދަނީ ފަހަށް ރައްކާކޮށް އަހަރުގެ ކޮންމެވެސް ހިސާބެއްގައި ރާއްޖެއިން ބޭރަށްދާ މީހުންވެސް މަދެއްނޫނެވެ. މިގޮތަށް ދަނީ އަވައްޓެރި ޤައުމުތަކަށެވެ. ގިނައިން ދަނީ ބޭސް ފަރުވާ އަށެވެ. ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށެވެ. ނުވަތަ އިތުބާރުކުރެވޭތީ ބޮޑެތި އޮޕަރޭޝަން ފަދަ ކަންކަމަށް ރާއްޖެއިން ބޭރަށް ދަނީ އެވެ. ކުރީގައި އަހަރަކު 2 ފަހަރު އިންޑިއާ އަށް ދާ 70 އަހަރުގެ ދިވެއްސަކާ ވާހަކަ ދައްކާލީމެވެ. އިންޑިއާއަށް ނުދަންތޯ އަހާލީމެވެ. ޖަވާބުގައި މޮޅި ރާގަކަށް ބުނެލިއެވެ. "ކިހިނެއް ދާނީ ކަރަންޓީނު ވާން ޖެހޭ ވިސާ ޖަހަންޖެހޭ އެތާގަވެސް މި ބަލިމަޑުކަން އެބަ އޮތް" މި އިންވެސް އެނގެނީ މިހާރުވެސް އެފަދަ ބޭނުންތަކަށް ދާން ބޭނުންވެފައިވާ އެތައް ދިވެހިންނެއް އެބަ ތިބިކަމެވެ. ނަމަވެސް ޙާލަތު ދިމާވެފައި ވާގޮތުން މިއަދު އަވަށްޓެރި ޤައުމަކަށްވެސް ދެވެން އަންނަނީ ތަކުލީފުތަކެއް އުފުލައިގެންނެވެ. އެ ތަކުލީފުތައް ނުއުފުލާންވެގެން މި ޙާލަތު ބަދަލުވާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. ޙާލަތު ބަދަލުވުމަށް އެދި ދުޢާކޮށްލަ ކޮށްލައެވެ.
ހަމަ އެކަނި ރާއްޖެއިން ބޭރަށް ދިއުމެއްނޫނެވެ. ރަށްރަށުން މާލެ އައިސް ހަދަންޖެހޭ ޓެސްޓްތައް ނެހިދި ތިބި އެތައް ރައްޔަތުންނެއް ރަށްރަށުގައި އެބަ ތިއްބެވެ. ބޭނުންވާ ފަރުވާތައް ނުލިބި ކެއްތެރިކަމާއި އެކު ބަލި ތަހައްމަލު ކުރަމުންދާ އެތައް ރައްޔަތެކެވެ. މީގެ ތެރޭގައި ގިނައީ އިސް ރަށްވެހިންނެވެ. އެމީހުނަށް މި ބަލީގައި އޮތް ނުރައްކާ ބޮޑުކަމުން މާލެ އަންނަން ނުކެރިފައެވެ. 3 މަހުން 1 މަހު މާލެ އައިސް ޓެސްޓް ހަދާ 70 ގެ ކުރީގެ އަހަރުތައް ގުނަމުންދާ އިސް ރައްވެއްސަކާއި ސުވާލު ކޮށްލީމެވެ. މިހާރު ޓެސްޓް ހަދަނީ ކިހިނެއްހެއްޔެވެ؟ "ރަށުން ހެދެން ހުރި ޓެސްޓް ތައް ހަދައިގެން ނުހެދޭ އެއްޗިހި ނަހަދާ ބޭސް އިތުރުކޮށްގެން މިކަނީ ދެން ކޮންގޮތެއް އޮތީ" މިއަދު މި އެންމެންގެ ދުލުންވެސް ކިޔެނީ އެކައްޗެކެވެ. މިރަށުގައި މި ފަރުވާތައް ލިބެން ހުރި ނަމައެވެ. މި ރަށުގައި ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ތިބި ނަމައެވެ. ރަނގަޅު ވަޞީލަތްތައް ލިބޭނެ ހޮސްޕިޓަލެއް ހުރިނަމައެވެ. ނަމަވެސް ނަމަޔަކުން ކެކޭނެ ރިހައެއް ނެތެވެ. މީ އަންނާނެ ދެ ދުވަހެއް ކަމަށް ޤަބޫލު ކުރެވިފައި ނެތުމުންނެވެ. ޚިދުމަތްތައް ވަކި ތަނަކުން ނޫނީ ނުލިބޭނެ ގޮތަށް ހަމަޖެހިފައި އޮތުމުގެ ހިތި ނަތީޖާއެވެ.
މިޙާލަތުގައި ދެރަވެ ކަރުނަ ނާޅާނެ އެކަކުވެސް ނެތެވެ. އަހަރެމެންގެ މި ކުޑަ ދިވެހިރާއްޖޭގެ ޢާއިލާތައް ވެސް މި ވަނީ މުޅި ޤައުމަށް ފެތުރިފައެވެ. ޢާއިލާތަކުގެ އެންމެ ގިނަ މެންބަރުން ދިރި މި އުޅެނީ ބަލީގެ އެންމެ ނުރައްކާ އޮތް މާލޭގައެވެ. ދަރި އަކު ބަލިވިޔަސް މައިމީހާ އަށް އާދެވޭކަށް ނެތެވެ. ރަށުން މީހަކު ބަލި ވިޔަސް މާލޭގަ ހުރި ދަރިއަކަށް ދެވޭކަންނެތެވެ. ބަލިހާލުގައި މައިންބަފައިން ދުނިޔެ އާއި ވަކި ވެ ދާއިރު އެންމެ ފަހުވަގުތު އެމީހުންގެ މޫނު ދެކިލާނެ ފުރުޞަތު ނުލިބެ ރޮއި ރޮއި ތިބެން ޖެހިއްޖެ އެވެ. ރައްޓެއްސަކު ފޯނުން ގުޅައިފައި ކިޔައި ދިނެވެ. އާއިލާގެ ކުއްޖަކު ވިހައިގެން އެތަނަކަށް ނުދެވުނެވެ. އެއީ ކޮވިޑް މާލޭގައި ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ވީމާ ވަރަށް ބިރު ގަތެވެ. ކުޑަދަރިޔަކުވެސް ހުރީމާ ހަމަ ހޮސްޕިޓަލަށް ވަންނަން ނުކެރުނީއެވެ. އެންމެ ފަހުން ވިހޭ ތުއްތު ދަރިފުޅު ނިޔާވުމުން ސަހަރާ އަށްވެސް ނުދެވުނެވެ. އެކަމާ ލަދުން މިހާރު އޭނަ އާއި ވާހަކަ ދައްކާންވެސް ނުކެރެއެވެ. މިޙާލަތު ގައި އާއިލާގެ މެންބަރަކު ނިޔާވުމުން ރަށުގައިތިބި އާއިލާގެ މީހުނަށް މޫނު ދެކިލާނެ ފުރުޞަތުވެސް ނުލިބޭ އެތައް އާއިލާތައް އެ ހިތާމަތައް ތަޙައްމަލު ކުރަމުން އެބަ ދެއެވެ.
މިއީ ހަމަ އެކަނި ރާއްޖޭގެ ޙާލަތެއް ނޫނެވެ. މުޅި ދުނިޔެވެސް މި ވަނީ މިޙާލަތުގައެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ހިތް ފަޅައިގެން ދާވަރު ވެއެވެ. މުސްލިމު އަޚުންނާއި އުޚުތުން މަރުވުމުން އަންދާ އަޅިއަށް ހަދާލާ މަންޒަރު ފެނުމުން ކަރުނަ ނާޅާނެ ލޮލެއް ނެތެވެ. ރާއްޖެއިން ބޭރުގައި ތިބެ މި ދުނިޔެއާއި ވަކިވެދާ ޢާއިލަގެ މެންބަރުންގެ އެންމެ ފަހުވަގުތުކޮޅުގައިވެސް އެމީހުނާއި ބައްދަލު ނުކުރެވުނީތީ ކުރާހިތާމަ އުމުރު ދުވަހަށްވެސް ފިލައިގެން ނުދާނެކަން ކަށަވަރެވެ.
މި ފަދަ އެތައް ހިތާމަ ވެރި ހާލަތެއް މެދުވެރިވެ ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ މީސްތަކުން ދިވެހިރާއްޖޭގައިވެސް މަދެއް ނޫނެވެ. މިކަން އެނގެނީ މީހުންގެ ހާލު ބަލައިލަން ގުޅާލީމައެވެ. ނިދިން މަހުރޫމުވެފައިވާ އެތައް ބަޔަކު އެބައިމީހުންގެ އިހުސާސަތައް ކިޔައި ނުދެވި ރޯލަރޯލާ އެބަ ތިއްބެވެ.
މިއީ ވެސް އިންތިޙާނެކެވެ. އަހަރެމެން މުސްލިމުންނަށް އޮތީ ކެއްތެރިވުމެވެ. މި އިންތިޙާނުން ފާސްވުމަށް މަސައްކަތްކުރުމެވެ. ވެރިންގެ އިރުޝާދު ތަކަށް ތަބާވުމެވެ. ގަދަބާރު ދައްކައިފައި އުޅުން ދޫކޮށްލައި އެންމެންވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމެވެ. އެންމެންގެ ރައްކަލައްޓަކައި ޞިއްޙީ އެހީތެރިންގެ ބަސް އަހައި އެބޭފުޅުންގެ އިރުޝާދުތަކަށް ތަބާވުމެވެ. އަހަރެމެން މުސްލިމުންގެ އެންމެ ބޮޑު ހަތިޔާރަކީ ދުޢާއެވެ. ވީ އިރު އަހަރެމެންގެ ޢަމަލުތައް ސީދާކޮށް އެކަލާނގެ ހަޟުރަތުގައި ދުޢާ ދަންނަވަން ވީއެވެ. ﷲ ގެ ރަޙުމަތްފުޅުން އަހަރެންނަށް މި ބަލިމަޑުކަމުން މިންޖުވެވޭނެއެވެ.