ހުޅުމާލޭ ފޭސް އެކެއްގައި ދެ ގުރޫޕެއްގެ ދެމެދުގައި ރޭ މާރާމާރީއެއް ހިންގައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 21:00 ހާއިރު ކަމަށެވެ. އަދި މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާވި ދެ މީހުންނަށް ވެސް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ މި މާރާމާރީ ހިނގައިފައިވަނީ ދިވެހީން ބަޔަކާއި އިންޑިޔާ ބަޔަކާ ދެމެދުގައި ކަމަށާއި މި ކަމުގައި އެއްވެސް ކުޑަކުއްޖަކު ނުހިމެނޭ ކަމަށެވެ.

ނަމަވެސް އެ ދެ މީހުންނަށް ލިބިފައިވަނީ ކިހާ ވަރެއްގެ ކޮން އަނިޔާއެއް ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

އަދި މި މައްސަލައާ ގުޅިގެން އެކަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މާރާމާރީ ހިންގި މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ގެންދަނީ ކުރަމުން ކަމަށެވެ.