ސްޓޫޑެންޓް ލޯނަށް އެޕްލައިކުރާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޭ ކުރިއަށްދިޔަ ވަޒީރުންގެ "އަހާ" ފޯރަމްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

މި ފޯރަމްގައި އެކަމަނާއަށް އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވަނީ ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރަން ނިންމަވާފައި ކަމަށާއި ރައީސް މުއިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދިނުން ކަމަށެވެ.

އެ ސްކީމްގެ ދަށުން ހާއްސަ އެހީއަށް އިސްކަން ދޭން ވެސް ވަނީ ނިންމައިފައެވެ.

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިއަހަރު ހުޅުވާލާފައިވަނީ 500 ޖާގައެވެ. މިއީ ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ރާއްޖެއިން ބޭރުން ދޭ ފުރުސަތުތަކެކެވެ.

މީގެއިތުރުން މިނިސްޓަރ މާރިޔާ ވިދާޅުވީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުސަތު ހާއްސަކޮށްފައިވާ ކަމަށާއި އަދި ކިޔަވަމުންދާ ކެޓަގަރީއަށް ހާއްސަކޮށްފައިވަނީ 130 ފުރުސަތު ކަމަށެވެ.

މި ލޯނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ދެން ހަމަވާނީ މެއި 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 އަށެވެ.