ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން މަސްވެރިންނަށް މިހާތަނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޭ ކުރިއަށްދިޔަ "އަހާ" ފޯރަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުން ހަވާލުވިއިރު މަސްވެރިންނަށް ފައިސާ ނުދެވި ބޮޑު ބެކްލޮގެއް އޮތް ކަމަށެވެ. އަދި އެ ބެކް ލޮގުގައި ހުރި ފައިސާތައް ކުއްލިއަކަށް އެއްފަހަރާ ދެއްކުމަކީ ގައުމުގެ އިހްތިސާދީ ހާލަތު އޮތް ގޮތުން އުނދަގޫވި ކަމެއް ކަމަށެވެ.

''ރައީސް ޒައާމަތާއި ހަވާލުވެވަޑައިގެން ފަހުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ މިއަދާ ހަމައަށް ދެއްކިއްޖެ. 27 މިލިއަން ރުފިޔާ އެބައޮތް ޑިއު. މަސްވެރިން ރަނގަޅަށް މަސްބާނަ ކަމަށްވާނަމަ އެ ދުވަހުން ދުވަހަށް ފައިސާ ނުދެއްކޭނަމަ ހުންނާނެ ފައިސާ. އެހެން ނަމަވެސް މި މުސާރަ މި މަހު ނިންމާފަ މިފްކޯއިން ދައްކާނެ.''
މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވި ގޮތަށް މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ހަވާލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އަދި އެ ފައިސާ ރޯދަމަހުގެ ކުރިން ދައްކާ ހަލާސްކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.