ސްޕެނިޝް ލަލީގާގައި ވެލެންސިއާ އަތުން 4-2 އިން މޮޅުވެ, ލީގު ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.
ބާސާގެ ދަނޑު ކަމުގައިވާ ލުއިސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ބާސާއިންނެވެ. ބާސާއަށް ލީޑު ނަގައިދިނީ, މެޗުގެ 22 ވަނަ މިނެޓުގައި ފާމިން ލޯޕޭޒެވެ.
ބާސާއަށް ލީޑު ހިފެހެއްޓުނީ އެންމެ ފަސް މިނެޓަށެވެ. މެޗުގެ 27 ވަނަ މިނެޓުގައި ވެލެންސިއާގެ ހިއުގޯ ޑޫރޯ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ އޮއިވަރާ ހިލާފަށް ވެލެންސިއާ ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ލަނޑު ޖަހާ ނަތީޖާ އަނބުރާލާފައެވެ. މި ލަނޑަކީ, ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހޯސޭ ލުއިސް ގާސިއާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ވަރުގަދަ ބާސާ ކައިރިން މޮޅުވަމުން ދިޔަ ވެލެންސިއާއަށް މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ, ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި އެ ޓީމުގެ ގޯލްކީޕަރު ޖިއޯޖީއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން ދިހަ ކުޅުންތެރިންނާއެކީ ފަހު ހާފު ކުޅެން ޖެހުމެވެ. ޖިއޯޖީއަށް ރަތް ކާޑު ދެއްކީ ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގައި ގަސްތުގައި އަތްލި ކަމަށް ނިންމާފައެވެ.
ދިހަ ކުޅުންތެރިންނާ އެކީ ކުޅެމުންދިޔަ ވެލެންސިއާ ކައިރިން ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޮބާޓް ލެވަންޑޮސްކީއެވެ.
ބާސާއަށް މެޗުގެ ނަތީޖާ އަނބުރާލެވުނީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ލެވަންޑޮސްކީއެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ލެވަންޑޮސްކީ ވަނީ ބާސާގެ ހަތަރުވަނަ ލަނޑު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ލެވަންޑޮސްކީގެ ހެޓްރިކާއެކު ބާސާ ވަނީ ފަސޭހަ ކަމާއެކު ދިހަ ކުޅުންތެރިންނާއެކީ ކުޅެމުންދިޔަ ވެލެންސިއާ ބަލިކޮށްފައެވެ.
މި މެޗުނެ ލިބުނު މޮޅާއެކު ބާސާ އޮތީ ކުޅުނު 33 މެޗުން ލިބުނު 73 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ރެެއާލް މެޑްރިޑަށް ލިބިފައިވަނީ 84 ޕޮއިންޓެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ, ކުޅުނު 33 މެޗުން ލިބުނު 47 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ.