ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ ފިރިހެން ޓީމު, 3-0 އިން އިންޑިއާ އަތުން ބަލި ވެއްޖެއެވެ.
ރާއްޖޭގައި ކުރިއަށް ގެންދަމުންދާ ކެރަމް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖޭގެ ފިރިހެން ޓީމު ދަތުރު ކުރީ ބަންގްލަދޭޝް އަތުން 2-1 އިން ކުރި ހޯދައިގެންނެވެ.
ކެރަމް ޗެމްޕިއަންޝިޕްގެ ތިން ވަނަ ދުވަހު ކުޅެވިގެންދިޔަ ޓީމް އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ ޓީމަށް ވަނީ އެންމެ މެޗަކުން ވެސް މޮޅުވެވޭގޮތް ނުވެފައެވެ.
ޓީމު އިވެންޓުގެ ފައިނަލްގެ ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ހަސަން ނާޒިމް ވަނީ އިންޑިއާގެ މުހައްމަދަ ޣުފްރާން އަތުން 2-0 އިން ބަލިވެފައެވެ.
ޓީމު އިވެންޓުގައި ކުޅެވުނު ދެވަނަ ސިންގަލްސްގައި އިންޑިއާގެ ސްރިނިވާސް ވަނީ ރާއްޖޭގެ އިސްމާއީލް އަޒުމީނު އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ.
ރޭގައި ކުޅެވުނު ފައިނަލުގެ ޑަބަލްސް މެޗުގައި ރާއްޖޭގެ ޕެއާރ ކަމުގައިވާ އާދަމް އަދީލާއި އިބްރާހީމް ހުޖާން ވަނީ އިންޑިއާގެ ސަންދީޕް ދީވާ އާއި ޖުގަލް ކިޝޯރު ދައްތާ އަތުން ސީދާ ދެ ގޭމުން ބަލިވެފައެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި މިހާރު ވަނީ ތިން އިވެންޓް ނިންމާލާފައެވެ. އެއީ ފުރަތަމަ ދުވަހު ކުރިއަށް ދިޔަ ސްވިސް ލީގާއި, ދެވަނަ ދުވަހު ކުޅުނު ޑަބަލްސް އިވެންޓުގެ އިތުރުން ތިން ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޓީމު އިވެންޓެވެ. މުބާރާތުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ކުޅެވިގެންދާނީ ސިންގަލްސްއެވެ.