ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށް މަސައްކަތްކުރުމަށާއި އެކުދިންގެ ވަގުތުތައް ފައިދާހުރި ގޮތުގައި ހޭދަކުރުމަށް ބާރުއެޅުމަށް ބެލެނިވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު، އެދިވަޑައިގެންފިއެވެ.

އެކަމަނާ މި ކަމަށް އެދިފައިވަނީ ކިންޑަރ ޕްރީސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މީގެއިތުރުން ދަރިންނަކީ މުޖުތަމައަށް ފައިދާހުރި ދަރީންތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށްވެސް ބެލެނިވެރިންގެ ފަރާތުން އެކަމަނާ އެދިވަޑައިގެންނެވިއެވެ އަދި މުދައްރިސުން މިގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އަފްރީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދިމި އެ ކަމަނާ ވަނީ ދަރިވަރުން މައިންބަފައިންނާއި މުދައްރިސުންގެ ހެޔޮބަސް އަހައި އެގޮތަށް އުޅުން ބައްޓަންކުރުމަށް ބާރުއަޅުއްވާ އަދި އަހުލާގު ރަނގަޅު ދީނުގެ ކަންކަމަށް ފަރުވާތެރިވާ ދީނަށް ލޯބިވާ ކުދިންތަކަކަށްވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވި 55 ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުމާއި، ސޭޝް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ އަންމާފޮތް ހިފްޒުކޮށްފައިވާ 13 ދަރިވަރުންނަށް ސްކޫލުގެ ފަރާތުން ދެއްވާ ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކިންޑަރ ޕްރީސްކޫލުގެ ފަރާތުން ހަނދާނީ ފިލާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނަށް ދެއްވިއެވެ.

ކިންޑަރ ޕްރީސްކޫލުގައި މިހާރު 257 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.