މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން އެ އަމަލު ކުށްވެރިކޮށް ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ފޮރުވިގެންތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަހުގީގު ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ވަނީ ފަށައިފައި ކަމަށެވެ. އަދި އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ނަމަވެސް ގައުމީ މަސްލަހަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކުރައްވައި، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރެއްވުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާ ފައެވެ.

ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ހަބަރާ މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެކެވެ. އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ގައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިހުލާސްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނަމެވެ.