ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓްގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުއާޓާ ފައިނަލާ ހިސާބުން މުބާރާތް ނިމިއްޖެއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި އިއްޔެ ކުރިއަށްދިޔަ ސިންގަލްސް އިވެންޓްގެ ކުއާޓާގައި ރާއްޖޭގެ އިސްމާއިލް އަޒްމީން އަށް ނާކާމިޔާބުވީ އިންޑިއާގެ ކޭ ސްރިނިވާސް އަތުން ސީދާ ދެ ގޭމުން ބަލިވުމުންނެވެ. އިންޑިޔާގެ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން، ސްރިނިވާސް މި މެޗުގެ ސެޓުތައް ގެންދިޔައީ 25-13، 25-09 އިންނެވެ.
މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ކުއާޓާގައި ރާއްޖޭގެ އައިމިނަތު ވިދާދް ވަނީ އިންޑިއާގެ ކޭ ނާގަޖޯތީ އަތުން 2-1 އިން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 24-25 އިން ވިދާދް ގެންގޮސްފައިވަނިކޮށް، ނާގަޖޯތީ ވަނީ ދެން ޖެހިގެންއައި ދެ ސެޓު 25-04 އަދި 25-11 އިން ކާމިޔާބުކޮށްފައެވެ.
ސިންގަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކުރި ކުޅުންތެރިންގެ ނަތީޖާއަށް ބަލާއިރު، ފާތިމަތު ރަޔާނާ ވަނީ ޕްރީ ކުއާޓާގައި ސްރީ ލަންކާގެ ރޮޝީތާ ޖޯސެފް އަތުން ސީދާ ދެ ގޭމުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ރޮޝީތާ ގެންދިޔައީ 19-15، 22-12 އިންނެވެ.
ޕްރީ ކުއާޓާގައި ދެން ވާދަކުރި ރާއްޖޭގެ އައިޝަތު ނަހުފާ ވަނީ ސްރީ ލަންކާގެ ތަރޫޝީ ހިމަހަންސިކާ އަތުން 1-2 އިން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ނަހުފާ ގެންގޮސްފައިވަނިކޮށް، ތަރޫޝީ ވަނީ ދެން ޖެހިގެންއައި ދެ ސެޓު 23-08 އަދި 25-09 އިން ކާމިޔާބުކޮށްފައެވެ.
ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ޕްރީ ކުއާޓާގައި ދެން ވާދަކުރީ ރާއްޖޭގެ އާދަމް އަދީލް އާއި އިބްރާހިމް ހުޖާން އަލީ އެވެ. މި ދެ ކުޅުންތެރިންނަށްވެސް މުބާރާތުން ވަކިވާން ޖެހުނީ ލަންކާގެ ވަރުގަދަ ދެ ކުޅުންތެރިން އަތުން ބަލިވުމުންނެވެ. އަނަސް އަހުމަދު އަތުން އަދީލް ބަލިވީ 20-25، 05-25 އިންނެވެ. ލަންކާގެ އެއްވަނަ ކުޅުންތެރިޔާ، ޝަހީދު ހިލްމީ އަތުން ހުޖާން ބަލިވީ 25-01، 25-13 އިންނެވެ.
ފިރިހެނުންގެ ސިންގަލްސް އިވެންޓްގައި ރާއްޖޭން ވާދަކުރި ހަސަން ނާޒިމް އަށް ނާކާމިޔާބުވީ ވަރުގަދަ ގްރޫޕެއްގައި ހިމެނި، އެ ގްރޫޕުގެ ތިންވަނަ ލިބުމުންނެވެ.
މި ފަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރީ އިންޑިއާގެ ކުޅުންތެރިންނެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލާއި، ފައިނަލްގެ އިތުރުން ރޭންކިންގ މެޗުތަކެވެ. މީގެއިތުރުން، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިރޭ 8:30 ގައެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގުޅިގެން ބާއްވާ މި ފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވިޒިޓް މޯލްޑިވްސް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނިގެންދާނީ ވެލިގާ ހާޑްވެއާ އާއި އަލީތޯ އެވެ. ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް، ޓްރާންސްޕޯޓް ޕާޓްނަރަކީ އެމްޓީސީސީ އެވެ. އަދި އިވެންޓް ޕާޓްނަރަކަށް ޕްރޯފްލެކްސް އާއި އޯލް އެޑިޝަން ހަމަޖައްސާފައިވާއިރު ކޭޓަރިންގ ޕާޓްނަރަކީ ސައުތު ކޭޓަރިންގ އެވެ. ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ރެޑް ކްރިއޭޓިކް ހަމަޖައްސާފައިވާއިރު، ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް ފެނިގެންދާނެ އެވެ.