މިއަދުން ފެށިގެން އައްޑޫސިޓން މަހަށް ފުރާ އުޅަނދުފަހަރު ފުރުމުގެ ކުރީން އަވަށު އޮފީސްތަކުން ހުއްދަ ނަގަންޖެހޭ ގޮތަށް އައްޑޫ ސިޓީކައުންސިލުން ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖެއްސީ އެސިޓީ އިން ކޮވިޑް 19 ބަލީގެ މީހުން ފެނިފައިވުމުން ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އެވެ. އެސިޓީގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން މިކަން މިގޮތަށް ދެމިއޮންނާނެއެވެ. އެހެން ކަމުން މިއަދުން ފެށިގެން އައްޑޫއިން މަހަށްފުރާ އުޅަނދުފަހަރަށް އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހުއްދަ ދެމުން ގެންދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. "މަހަށް ފުރުމަށް ބޭނުންވާ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ މަޢުލޫމާތާއި އުޅަނދުން ދަތުރުކުރާ މީހުންނާއި، އުޅަނދު ފުރާނެ ދުވަހާއި އަދި އަނބުރާ އަންނާނެ ކަމަށް ލަފާކުރެވޭ ދުވަސް އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކަށް އަންގަންވާނެއެވެ. މަހަށް ނުކުތުމުގެ ހުއްދަ ދިންކަމަށް ބެލެވޭނީ އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކްއިން ލިޔުމުން ހުއްދަ ދޭ އުޅަނދުތަކަށް އެކަންޏެވެ." ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.
އައްޑޫ މޮނިޓަރިންގ އަށް ލުމުގެކުރިން އެސިޓީން މަހަށް ފުރާފައިވާ އެ ސިޓީއަށް ނިސްބަތްވާ އުޅަނދުފަހަރު ރަށަށް އަނބުރާ އައުމަށް ބޭނުންނަމަ ސޯޝަލް ސަޕޯޓް ޑެސްކަށް އެކަން ހުށަހަޅައި ލިޔުމުން ހުއްދަ ހޯދުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ. އަވަށްތަކުގެ ސޯޝަލް ސަޕޯޓް ޑެސްކާއި އަންނަނިވި ނަންބަރުތަކުން ގުޅޭނެއެވެ.