މިއަހަރުގެ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މިއަދު ހުޅުވާލައިފިއެވެ.

"ރެހެންދި އެވޯޑު" އަކީ ޤައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ މަޤްޞަދުގައި ދެމުން އަންން އެވޯޑެކެވެ.

"ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިހިނގާ ފެބްރުއަރީ މަހުގެ 28 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓު www.gender.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

އަދި މިނިސްޓްރީންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެއެވެ.

އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00އިން މެންދުރުފަހު 2:00އަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ގ.ބިއްލޫރިޖެހިގެ، މަޖީދީމަގު) ގެ ކައުންޓަރުންނާއި މިނިސްޓްރީގެ އީމެއިލް [email protected] އިންނެވެ.