އައްޑޫސިޓީގައި އެއްގެއިން އަނެއްގެއަށް ދިއުން މިއަދުން ފެށިގެން މަނާކުރުމަށް ހަމަޖެހިފައިވާ ކަމަށް މޭޔަރު ޢަބްދުﷲ ސާދިގު ވިދާޅުވެއްޖެއެވެ.
މިގޮތަށް ހަމަ ޖައްސަވަން ނިންމެވީ އައްޑޫގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮވެދާނެ ކަމަށް ލަފާކުރެވޭތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަކި ގަޑިތަކެއްގައި ކާފިއު ހިންގުމަށް ވެސް ވަނީ ނިންމަވައިފައެވެ. އެގޮތަށް ހަމަޖެއްސުމުން އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ވެސް މަނާވެގެން ދާނެއެވެ.
އިއްޔެއިން ފެށިގެންވަނީ އައްޑޫ ސިޓީގެ ކެފޭ ރެސްޓޯރެންޓުތަކުން ދެމުންގެންދިޔަ އާންމު ޚިދުމަތްތައް ހުއްޓާލައިފައެވެ. އެތަންތަނުން ދެވޭނީ ޓޭކްއަވޭ ގެ ޚިދުމަތާއި ޑެލިވަރީގެ ޚިދުމަތް އެކަންޏެވެ. އެ ޚިދުމަތްދޭއިރު އެތަނަކީ އެޗުޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރަމުންދާ ތަނެއްތޯ ޔަގީން ކުރަން ޖެހެއެވެ. މީގެ އިތުރުން އައްޑޫސިޓީގެ ބޯކޮށާ ތަންތަނާއި ހުރިހާ ގާޑިއާތައް ވެސް ވަނީ ބަންދު ކޮށްފައެވެ.
މޭޔަރު ވިދާޅުވީ ހުރިހާ ފިޔަވަޅެއް ވެސް އަޅުއްވަމުން ގެންދަވާނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށެވެ. ފިޔަވަޅު އެޅުމުގައި ވީހާ ވެސް ބޮޑަށް ރައްޔިތުންނަށް ދަތިނުވާނެ ގޮތްތަކަށް ވިސްނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކާފިއުގަޑިތަކުގައި ވެސް ފިހާރަތައް ހުންނަނީ ހުޅުވިފައި ކަމަށާއި ނަމަވެސް ހުންނަންވާނީ އެޗުޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 23 އަށް އަރައިފައެވެ. އޭގެ ތެރެއިން އެކަކީ ދުބާއީން އައްޑުއަށް އައި މީހެކެވެ. މޭޔަރު ވިދާޅުވީ އޭނާ ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައި ޓެސްޓު ހެދުމުން ކަމަށެވެ.