ބްރެޒިލްގެ ކްލަބެއް ކަމުގައިވާ ފްލުމިނެންސްއާ ގުޅުމަށް ތިއާގޯ ސިލްވާ އެއްބަސްވެއްޖެއެވެ.

އިތުބާރު ހުރި ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ އާއްމު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ހާމަ ކުރި ގޮތުގައި, މި ސީޒަން ނިމުމުން ޗެލްސީ ދޫކޮށްލާނެ ކަމަށް ސިލްވާ އިއުލާނު ކުރުމާއެކު ފްލުމިނެންސް ވަނީ އޭނާގެ ސޮއި ހޯދުމަށް ޓަކައި މަސައްކަތް ފަށާފައެވެ.

ފަބްރީޒިއޯ ހާމަކުރި ގޮތުގައި ފްލުމިނެންސް އާއި ސިލްވާއާ ދެމެދު އަނގަބަހުގެ އެއްބަސްވުމެއް ވެފައިވާ ކަމުގައިވިއަސް ކޮންޓްރެކްޓެއްގައި އަދި ސިލްވާ ސޮއިކޮށްފައެއް ނުވެއެވެ. ނަމަވެސް މެއި މަސް ނިމުމުގެ ކުރިން ފްލުމިނެންސްއިން ހުށައަޅާ ކޮންޓްރެކްޓުގައި ސިލްވާ ސޮއި ކުރާނެ ކަމަށް ލަފާކުރެވެއެވެ. ފްލުމިނެންސްއިން ސިލްވާއަށް ހުށައަޅާ ކޮންޓްރެކްޓަކީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާ ކޮންޓްރެކްޓެކެވެ.

ފްލުމިނެންސްއަކީ ސިލްވާގެ ކެރިއަރުގެ ބިންގާ އަޅައިދިން ކްލަބެވެ. ސިލްވާ ވަނީ 1998 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރުގެ ނިޔަލަށް ފްލުމިނެންސްގެ ޔޫތު އެކަޑަމީއަށް ކުޅެދީފައެވެ. އޭގެ ފަހުން 2006 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ސިލްވާ ވަނީ ފްލުމިނެންސްގެ ސީނިއާ ޓީމަށް ކުޅެދީފައެވެ. ފްލުމިނެންސްއަށް އޭނާ ކުޅެދިން އަހަރުތަކުގައި އޭނާ ވަނީ އެ ކްލަބާއެކު ކޮޕާ ޑޮ ބްރެޒިލް ކާމިޔާބު ކޮށްފައެވެ.