ނޫސްވެރިންނާއި، މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީ.އެސް.އެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ ޕީ.އެސް.އެމް ނިއުސް އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކަށް ވެގެންދާނެކަމަށެވެ.
ޕީ.އެސް.އެމް. ނިއުސް އިން ރޭ ދުރަށް ދެއްކި މި ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަމުން އެމަނިކުފާނު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި، ޕީ.އެސް.އެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިންނަށާއި، މީޑިއާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިހުލާސްތެރި ތަހުނިޔާ ވިދާޅުވެފައެވެ.
ނާއިބު ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި އެ މަނިކުފާނަށާއި، ނޫސްވެރިންނަށާއި މުޖުތަމައުގެ އެހެން އަފުރާދުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށް ހޮވާފައިވާ ސަރުކާރަކުން، އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމަށެވެ. އަދި ސަރުކާރުން އަބަދު ވެސް ނޫސްވެރިންގެ ހިދުމަތުގެ އަގުވަޒަންކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އަދި ނޫސްވެރިންނާއި، މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭ ކަމަށާއި 2023 ގެ ރިޔާސީ އިންހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު، އިންތިގާލީ މަރުހަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމީ އޭގެ ހެއްކެއް ކަމުގައެވެ. އެއީ އިންތިޚާބީ ރައީސަކު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ އެ ބައްދަލުކުރެއްވުމުގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ރައީސް މަސައްކަތްޕުޅު ފެއްޓެވިކަމުގައި ވިދާޅުވިއެވެ.
އަދި ރައީސް ވައުދުވެވަޑައިގެންނެވި އެއްކަމަކީ ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދައުލަތުގެ މީޑިއާ ވެސް އަދި އެހެނިހެން މީޑިއާތަކުގެ ވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ހައްލެއް ގެންނެވުމުގެ ވަޢުދުފުޅެވެ.
ދައުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިހުސާސްވެވަޑައިގެން، ރައީސްގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވިކަމަށާއި، ރައީސް ބޭނުންފުޅުވީ، އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ވެސް، ކޮންމެވެސް މިންވަރެއް ހަމަޖެއްސުވުން ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މިކަމަށްޓަކައި ވަކި އުސޫލެއް ކަނޑައަޅުއްވައި، ރައްޔިތުން ރައީސްއަށް ކުރެއްވި ފުރިހަމަ އިތުބާރާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ވެސް ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައި ވާކަމަށާއި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމުގެ މަސައްކަތް ފެށިފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ނޫސްވެރިންނަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދައުލަތާ ވެސް ގުޅުވައިދެނީ ނޫސްވެރިން ކަމުގައި ވިދާޅުވިއެވެ. އަދި ގައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ.