ބްރެޒިލްގެ އެންމެ ދެކުނުގެ ސްޓޭޓް ރިއޯ ގްރާންޑޭ ޑޯ ސުލްއަށް މި ހަފްތާގައި ބޯކޮށް ވާރޭވެހި 55 މީހުން މަރުވެއްޖެއެވެ.

ބްރެޒިލްގެ ލޯކަލް އޮތޯރިޓީތަކުން ބުނާގޮތުގައި، 74 މީހުން އަދިވެސް ވަނީ ގެއްލިފައެވެ. ބްރެޒިލްގެ ދެކުނަށް ވެހެމުންދާ ބޯ ވާރޭގައި 69،000އަށް ވުރެގިނަ މީހުން ވަނީ ޑިސްޕްލޭސް ވެފައެވެ. ލޯކަލް އޮތޯރިޓީން ބުނީ އިތުރު ހަތް މީހަކު މަރުވީ ތޫފާންތަކާ ގުޅުން ހުރިތޯ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭގެ ކުރީކޮޅު ޖުމްލަ 55 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި މި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް ކުޑަ ހައިޑްރޯއިލެކްޓްރިކް އިންޖީނުގެއެއްގެ ޑޭމެއްގެ ބައެއް ވެއްޓިފައިވެ އެވެ. ބެންޓޯ ގޮންކަލްވޭސް ސިޓީގެ ދެވަނަ ޑޭމެއް ވެސް ވެއްޓުމުގެ ނުރައްކާ އޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕްގެ އިގްތިސާދީ ކުރިއެރުމުގެ ޕްލޭނަކަށް އިޝާރާތް ކުރައްވައި ސްޓޭޓް ގަވަރުނަރު އެޑޫއާޑޯ ލޭޓޭ ހޮނިހިރު ދުވަހުގެ ހަވީރު ނޫސްވެރިންނަށް ވިދާޅުވީ ތޫފާނާއި އޭގެ ނަތީޖާތަކުން އަރައިގަތުމަށް ރިއޯ ގްރާންޑޭ ޑޯ ސުލް އަށް 'މާޝަލް ޕްލޭން' ބޭނުންވާނެ ކަމަށެވެ.