ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ޖަޕާނުން ރާއްޖެއަށް ދޭ 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި ޖަޕާނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯރޕަރޭޝަންގެ ރާއްޖެ އޮފީހުގެ ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީ އެވެ.

ލޯން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މި ފަހަރު ޖަޕާނުން ރާއްޖެއަށް ދީފައިވާ މާލީ އެހީތެރިކަމަކީ ޖަޕާނުން މިހާތަނަށް ރާއްޖެއަށް ދީފައިވާ އެންމެ ބޮޑު މާލީ އެހީތެރިކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މި އެހީއާއެކު ރާއްޖެއިން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެހީއަކަށްވެގެންދާނެ، އަދި ޤައުމުގެ އިޖްތިމާއީ އަދި އިޤްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް އެހީތެރިވެދީ، އިޤްތިސާދީ ހަރަކާތްތައް އަލުން އާރާސްތު ކުރުމަށް އެހީތެރިވެދޭނެ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޖަޕާން ސަރުކާރުން 5 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 47.5 މިލިއަން ޑޮލަރުގެ ލޯން އަނބުރައި ދެއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މުއްދަތުގެ ތެރޭގައި ފުރަތަމަ 4 އަހަރަކީ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސްއަށް ވެސް ޖަޕާނުންވަނީ 1.4 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ. އަދި، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު ގެ އެހީ އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ޖަޕާނުން ވަނީ ފޯރުކޮށްދީފައެވެ.