އިނގިރޭސި ޕްރިމިއާ ލީގުގައި ވޮލްވުސް އަތުން 5-1 އިން މޮޅުވެ, މެންޗެސްޓާ ސިޓީއިން ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ އެންމެ ޕޮއިންޓަކަށް ފަރަގު ކުޑަކޮށްފިއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. އެގޮތުން ސިޓީ ވަނީ މެޗު ފެށިގެން 12 މިނެޓު ތެރޭ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ, ލިބުނު ޕެނަލްޓީއަކުން އާލިންގް ހާލަންޑް ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ސިޓީގެ ލީޑު ދެ ގޯލަށް ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ފުރަތަމަ ހާފުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ހޭދަކުރި ދެ ސީޒަނުގައި ކާމިޔާބު ކުރި ހަވަނަ ހެޓްރިކެވެ. ހާލަންޑްގެ ހެޓްރިކާއެކު ފުރަތަމަ ހާފު ނިމުނީ 3-0 އިން ސިޓީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ވޮލްވުސްގެ ހުވަންގް ހީ ޗެން ވަނީ ލަނޑު ޖަހާ އެ ޓީމަށް ސުން ކަނޑާލަދީފައެވެ. އޭގެ އެއް މިނެޓު ފަހުން ހާލަންޑް ވަނީ ލަނޑު ޖަހާ ސިޓީގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. ސިޓީގެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޖޫލިއަން އަލްވަރޭޒެވެ. އަލްވަރޭޒްގެ ގޯލާއެކު ސިޓީއިން މެޗު ނިންމާލީ ފަސޭހަކަމާއެކު ވޮލްވުސް އަތުން ކުރި ހޯދައިގެންނެވެ.
މެޗުން މޮޅުވުމާއެކު ސިޓީ ވަނީ އެއްވަނައިގައި އޮތް އާސެނަލްއާ އޮތް ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަ ކޮށްފައެވެ. ސިޓީ ދެވަނައިގައި 82 ޕޮއިންޓާއެކު އޮތް އިރު, އެއްވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 83 ޕޮއިންޓެވެ. ނަމަވެސް ސިޓީ ކުޅެފައިވަނީ އެއް މެޗު މަދުން ކަމަށް ވާތީ އާސެނަލް ފަހާލައި ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.